ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ދެ ތަރިން ކަމަށްވާ ހީނާ ޚާނާއި ކުޝާލް ޓަންޑަން ބިރުވެރި ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.
މި ފިލްމަކީ ޒީ ނެޓްވޯކާގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިން ހަދާ ފިލްމެކެވެ. އަންނަ މަހުގެ 7 ގައި ރިލީޒްކުރާ “ހެކްޑް” އިން ބޮލީވުޑަށް ތައާރަފުވާ ހީނާ، ކުޝާލްއާ އެކު ކުޅެ ފިލްމުގެ ނަން އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު މީގެ މަސައްކަތް ފެށި ވާހަކަ އާއި އިތުރު ކާސްޓުންނަކީ ކޮބައިކަން ޒީ5 އިން ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ރިޝަބް ސިންހާ އާއި އަދިތީ އަރިއާ ހިމެނެ އެވެ.
ދެބާތުމާ މަންޑާލް ޑައިރެކްޓްކުރާ ފިލްމާ ބެހޭ ގޮތުން ހީނާ ބުނީ ބެލުންތެރިން ބިރުން ފިއްކަނޑައިގެންދާ ވަރުގެ ފިލްމަކަށް ވާނެ ކަމަށާއި ބިރުވެރި ފިލްމެއްގައި މަސައްކަތްކުރުމަކީ ވަރަށް ޝައުގުވެރި ކަމެއް ކަމަށެވެ.