ޝިލްޕާ ކުރާ މަސައްކަތްތައް ފާހަގަކޮށް ޗެމްޕިއަންސް އޮފް ޗޭންޖްގެ އެވޯޑް

ދުޅަހެޔޮ ލައިފްސްޓައިލް ޕްރޮމޯޓްކުރަން ކުރާ މަސައްކަތްތަކާއި އިންޑިއާގެ ވެށި ސާފުކޮށް، ރީތިކުރަން ބަތަލާ ޝިލްޕާ ޝެޓީ ކުރާ މަސައްކަތްތައް ފާހަގަކޮށް އޭނާ އަށް ޗެމްޕިއަން އޮފް ޗޭންޖްގެ އެވޯޑް ހޯމަ ދުވަހު ދީފި އެވެ.

އިންޓަރެކްޓިވް ފޯރަމް އިން އިންޑިއަން އިކޮނޮމީ (އައިއެފްއައިއީ) އިން އިންތިޒާމުކޮށްގެން ދޭ އެވޯޑްގެ މި އަހަރުގެ ހަފުލާގައި އެވޯޑް ލިބުނު މީހުންނާ އެވޯޑްތައް ހަވާލުކޮށް ދެއްވީ އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އެވެ.

އިންޑިއާގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ޗެމްޕިއަނެއްގެ އެވޯޑް ލިބުމާ ގުޅިގެން ޝިލްޕާ ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ބުނީ އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ގައުމަށްޓަކައި ފަރުދީ ގޮތުން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަކީ ގައުމީ ވާޖިބެއްކަމަށް ދެކޭ ކަމަށެވެ.

“ހާއްސަކޮށް މި ގައުމަކީ ސާފު ރީތި ގައުމަކަށް ހެދުމަކީ އަހަރެމެން އެންމެންކުރަން ޖެހޭ ކަމެއް. ސާފުކުރުން ފެށިގެން އަންނަން ޖެހެނީ މީހާގެ ވިސްނުމާ ހިސާބުން. އޭގެ ފަހުން އަމިއްލަ ނަފުސާއި ދިރިއުޅޭ ތަނާއި މުޅި ވެއްޓާއި މުޅި ގައުމު ސާފުކޮށް ބޭއްވުމަކީ އަހަރެމެން އެންމެން ކުރަން ޖެހޭ ކަމެއް،” އިންޑިއާ ސަރުކާރުން ކުރިއަށް ގެންދާ “ސްވަޗް ބާރަތު އަބިޔާން” އަށް އިޝާރާތްކޮށް ޝިލްޕާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ސާފުތާހިރު ކަމަށް ލޯބިކުރުމާ އެކު ގަސްގަހާގެހި އިންދުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އަމިއްލަ އަށް 480 ގަސް އިންދި ކަމަށް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!