އަންހެން ކުދިން ހިތާނަ ކުރުމޭ ކިޔައިގެން އެ ކުރެވެނީ އެ ކުދިންނަށް ޖިންސީ އަނިޔާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ގުޅޭ ގާނޫނެއް ފާސްކޮށް ތަސްދީގުވެސް ކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކުދިން ހިތާނަ ކުރުމޭ ކިޔައިގެން އެ ކުރެވެނީ ޖިންސީ އަނިޔާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންނަށްވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ރައުޔެއް ހޯދަން އެދިފައިވާ ދަނޑިވަޅެއްގައެވެ.