ޓެސްޓްތަކުން ކޮރޯނާ ޖެހިފައިވާ މީހަކު އަދި ނުފެނޭ: އެޗްޕީއޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮރޯނާ ވައިރަސްއަށް ސްކްރީންކުރަން އިއްޔެ ފެށި ނަމަވެސް މިހާތަނަށް އެ ބަލި ޖެހިފައިވާ އެއްވެސް މީހަކު އަދި ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ، އިއްޔެއިން ފެށިގެން އެއާޕޯޓުގައި ސްކްރީނިންގް ފެށުމާއިއެކު ތާމަލް ކެމެރާއިން ހުން ހުންނަ ކަމަށް ދައްކާ މީހުންނާ އިތުރަށް ސުވާލުކޮށް، ހިސްޓްރީ ނަގާ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތަށް އެސެސް ކުރެވުނު މީހުންގެ ތެރެއިން މިވަގުތު އަދި ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ފެނިފައެއް ނެތް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެވައިރަސް ފެތުރިދާނެ ކަމަށް ބަލައި ރާއްޖޭގައި ރައްކާތެރިވުމުގެ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖެއަކީ ކޮންމެ ދުވަހަކުން އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރާ ގައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ވައިރަހުން ރައްކާތެރިތެރިވުމަށް އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިސްކަމެއް ދެއްވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޕޯޓުތައް، ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!