ރަށްރަށަށް އުދަ އެރުން އެކަށީގެންވޭ: މެޓް އޮފީސް

ރާއްޖޭގެ ބައެއް ހިސާބުތަކުގެ ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

ދިޔަވަރު ބޮޑޫވާ ގަޑީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އޮތުމާއި އެކު އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ޢީލްތިމާސްކުރައްވާފައެވެ.

މިދުވަސްވަރު އިރުވައި މޫސުމުގެ ހަޅަޖަހަމުންދާތީވެ، ރާއްޖޭގެ ކަނޑުތަކުގެ ބާނިބޮޑުވެ، ކަނޑުގަދަވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރިއަށްއޮތް 24 ގަޑިއިރުވެސް އުދައިގެ އަސަރުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާދަޔާ ޚިލާފަށް އުދައަރާފާނެކަމަށް ލަފާނުކުރެވޭކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި، 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްކަމަށް ލަފާކޮށްފައިވާއިރު، 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނަށް މެދުތެރޭގެ ކަނޑުތަކުގައި ރާޅު ނަގާނެކަމަށާއި، އެހެން ހިސާބުތަކުގައި 3 ފޫޓާއި 5 ފޫޓާ ދެމެދުގެ އުސްމިނަކަށް ރާޅު ނެގުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!