ރައީސްގެ އެމެރިކާ ދަތުރުފުޅަށް ޚަރަދުވީ 4 މިލިޔަން ރުފިޔާ

އދ.ގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅަށް ޚަރަދުވެފައިވަނީ 4.17 މިލިޔަން ރުފިޔާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

އދ.ގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތަފްސީލް ހޯދުމަށް އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުގައި އެދުމުން އެމަޢުލޫމާތު ރައީސް އޮފީހުން ހޯދުމަށްފަހު އިންފޮމޭޝަން ކޮމިޝަންގެ އޮފީހުންވަނީ އެފަރާތާ ޙިއްސާ ކުރައްވާފައެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެދަތުރުފުޅުގައި ބައިވެރިވި ޑެލިގޭޓުންނަށް 9 ދުވަހުގެ ހުރުމާއި ކެއުމާއި، ޓިކެޓް ޚަރަދުތަކާއެކު 4.17 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރައީސް އޮފީހުގެ ކަމާގުޅުންހުރި ބައެއް ބޭފުޅުންނާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިދަތުރުފުޅަކީ ރާއްޖޭގެ އެންމެ އިސްވެރިޔާ އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާތާ 7 އަހަރުފަހުން އެ މަޖިލީހުގައި ތަޤްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އެކި ޤައުމުތަކުގެ ވެރިންނާއި، އދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!