ޖިންސީ ގޯނާގެ ތުހުމަތަށް ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތަށް ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، އެ މައްސަލަތަކުގެ ތުހުމަތަށް ރޭ އިރާކޮޅު މާލެ އިން އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ސިފައިންގެ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް އިޒްމިއާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް، އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ، އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރު ކުރިކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކާ މެދު ޖިންސީ ގުޅުން ހިންގި މައްސަލައެއް ނުބަލާ ކަމަށް ވިދާޅުވެ، ޖެންޑާ، ހިއުމަން ރައިޓްސް ކޮމިޓީގައި ކަންބޮޑުވުން ފާޅު ކުރައްވާފައިފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން އޭރު ސިފައިން ބުނީ އެފަދަ ކަމެއް އެއްވެސް ފަރާތަކުން ސިފައިންނަށް އަންގާފައި ނެތް ކަމަށެވެ.

ރޮޒައިނާ އެ ވިދާޅުވާ މައްސަލަ އާއި ރޭ ހައްޔަރުކުރި ސިފައިންގެ މީހާއާ ގުޅުން އޮތް ކަމެއް އަދިއެއް ނޭނގެ އެވެ.

ސިފައިންގެ މީހެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމާބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެފަދަ މައްސަލަތަކާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ގެންގުޅޭ ޕޮލިސީ ދާދިފަހުން ނެރުން ނޫސްބަޔާނުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

އަދި ޖިނާއި މައްސަލަ ބަލަނީ ޕޮލިސް ކަމަށްވާތީ އެފަދަ ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމަބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!