ހުޅުދޫ އާއި މީދޫ ވަކި ކުރަން އެދޭ ޕެޓިޝަން މަޖިލީހަށް

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އެ ސިޓީއިން ވަކިކޮށް، ރަށެއްގެ ހައިސިއްޔަތު ދިނުމަށާއި، އެ ދެ ރަށުގައި ރަށު ކައުންސިލް އުފައްދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފި އެވެ.

މިގޮތުން އެޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ލޯކަލްގަވަރމެންޓް އޮތޯރިޓީގެ ރައީސަށާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ އާއި މީދޫ ތަމްސީލްކުރައްވާ މެމްބަރުންނަށްވެސް ވަނީ ފޮނުއްވާފައެވެ.

މިޕެޓިޝަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށްވެސް ވަނީ ފޮނުއްވާފައެވެ.

ހުޅުދޫ އާއި މީދޫ ވަކި ކުރަން އެދި ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލެއް ހޮވަން މެނުވީ އެ ދެ ރަށުގެ ރައްޔިތުން ވޯޓު ލާން ބޭނުން ނުވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ޕެޓިޝަނުގައި އިތުރަށް ބުނެފައި ވަނީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު މަޤުސަދަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށްވާއިރު، މުޅި އައްޑުއަތޮޅު ސިޓީ އަކަށް ހެދި އިރު އާބާދީގެ ގޮތުން ހަމައެކަނި ހިތަދޫ ވެސް ސިޓީ އަކަށް ހެދުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. މީގެ އިތުރުން ފަހުން ރާއްޖޭގެ އިދާރީ ދާއިރާތަކަށް އައި ބަދަލަށް ރިއާޔަތްކޮށް ބުނެފައިވަނީ، ފުވައްމުލަކު ސިޓީއަކީ އެއްރަށެއްގެ މައްޗަށް އޮތް ތަނެއް ކަމަށެވެ. އަދި ހދ. ކުޅުދުއްފުށި ސިޓީ އަކަށް ބަދަލު ކުރި އިރު، މުޅި ހދ އަތޮޅު ބަދަލު ނުކުރާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން މިތަންތަނުގެ ރައްޔިތުންވެސް ހުޅުދޫ މީދޫގެ ރައްޔިތުން ކުރަން ޖެހޭ ތަޖުރިބާ ނުކުރާ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!