ނޮކޫ މޯލްޑިވްސް އައިލޭންޑް ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދަނިކޮށް ބަންޑުން ޖަހާލި ލޯންޗުގައި ހުރި ދިވެހި ފިރިހެނަކު ނިޔާވެެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވެފައިވަނީ ގިނައިރު ލޮނުބޮވުމުގެ ސަބަބުން ހާލު ސީރިއަސްވެގެންނެވެ. އެމީހާ ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މަރުވި މީހާއަކީ ނޮކޫ ރިސޯޓަށް މަސައްކަތެއް ކުރުމަށް ދަތުރުކުރަމުންދިޔަ މީހެއްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
ފުލުހުން ބުނީ އެ ލޯންޗު އެ ރިސޯޓުގެ ނެރު މައްޗަށް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 17:48 ހާއިރު ލިބިފައިވާ ކަމަށެވެ.
ނިޔާވި ފިރިހެން މީހާގެ އިތުރުން ދެން މި ލޯންޗުން ދަތުރުކުރީ ދެ ފަތުރުވެރިންނާއި، ހަތަރު ފަޅުވެރިންނެވެ. އެ މީހުން ސަލާމަތްކޮށްފައިވަނީ ރިސޯޓުގެ ފަރާތުން ޑިންގީއެއްގައި އެ ސަރަހައްދަށް ގޮސްގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.