އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފަޔަކަށް އެދުމުން އެކަމުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީއިން ފަތުވާދޭ މަޖިލީހުގައި އެދިފައިވަނީ، އިސްލާމްދީނުގައި އަންހެން ކުދިން ޚިތާނުކުރުމާ ގުޅޭގޮތުން ދީނީ ރައުޔު ހޯދުމަށް އާންމު ފަރާތަކުން ހުށަހަޅުއްވައިފައިވާތީ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަމާއި ގުޅޭގޮތުން ދީނީ ރައުޔު ބަޔާންކޮށްދެއްވައި އިސްލާމިކް މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދޭކަމަށެވެ.
މި ސިޓީ އިސްލާމިކް މިނިސްޓްރީއިން ފޮނުވައިފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މިނިސްޓަރު އެގޮތަށް ލަފަޔަކަށް އެދިވަޑައިގަތީ އެޗްޕީއޭ އިން މިނިސްޓްރީގެ ލަފަޔަށް އެދުމުން ކަމަށެވެ.
“ދީނީ ކަންކަމުގައި އެގޮތަށް ލަފާ ހޯދުމަކީ އާއްމު އުސޫލު ވީމަ މިނިސްޓަރު އެގޮތަށް އެދިވަޑައިގެންފައި އެ ވަނީ،” އޮފިޝަލް ވިދާޅުވި އެވެ.
އަންހެނުން ހިތާނުކުރުމުގެ ކަންކަން ރާއްޖޭގައި ވެސް ކުރާ ކަމަށް ވާހަކަ ދެކެވެ އެވެ.