ތުލުސްދޫ އަދި ހުރާއިން ވެސް ބްރައުން ވިޑޯ މަކުނު ފެނިއްޖެ

ނުރައްކާތެރި “ބްރައުން ވިޑޯ” މަކުނުތަކެއް ކ. ތުލުސްދޫ އާއި ކ. ހުރާއިން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ހަފްތާގެ ތެރޭގައި މާފުށީ އެކި ސަރަހައްދުތަކުންނާއި ގޯތިގެދޮރުން ފައިދިގު މަކުނުތަކެއް ފެންނަމުންދާތީ ރަށު ކައުންސިލްގެ ފަރާތުން ވަނީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެ މަކުނު ތަކުގެ ސާމްޕަލް ހެލްތް މިނިސްޓްރީއަށް ފޮނުވުމުން، އެ މަކުނުތަކަކީ ބްރައުން ވިޑޯތަކެއް ކަމަށް ހެލްތް މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ތުލުސްދޫއާއި ހުރާއިން އެފަދަ މަކުނުތަކެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ތިން ރަށުގައި ވެސް ފުލުހުންނާއި ކައުންސިލްތަކާއި ކަމަބެހޭ އެހެން މުއައްސަސާތައް ގުޅިގެން، މަކުނު ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ހެލްތް ވެކްޓާ ޔުނިޓުން އަންގާފައިވަނީ މިބާވަތުގެ މަކުނެއް ނުވަތަ މަކުނުގެ ބިސް ފެނިއްޖެނަމަ ހަންހުރަހެއް މެދުވެރިކޮށް، ނެގުމަށްފަހު އަންދާލުމަށް ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!