ރާއްޖެ އެތެރެވާ މީހުން ނޮވެލް ކޮރޯނާވައިރަސް (ޗައިނާ ވައިރަސް)އަށް ސްކްރީންކުރުމުގެ ކަންކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާތަނަށް ރާއްޖެ އައިސްފައިވާ އެއްވެސް ފަތުރުވެރިއަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.
ޓޫރިޒަމްއިން ބުނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ކޮރޯނާއަށް ސްކްރީން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ޗައިނާގެ ވޫހާން ސިޓީއިން އެމެރިކާއަށް ދަތުރުކުރި މީހަކަށްވެސް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުތަކުން ބުނަމުންނެވެ. ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 440 އަށް އަރާ، މި ރޯގާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 9 އަށް އަރާފައިވާ ކަމަށް ޗައިނާގެ ހެލްތް ކޮމިޝަނުން މިއަދުވަނީ ބުނެފައެވެ.