ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުއްޖާގެ ކާފަ ކަމަށްވާ ރަށު މުދިމުގެ އަނބިމީހާ ވަޒީފާ އަދާކުރަނީ ހުޅުމާލޭގައި ހުންނަ، ދައުލަތުގެ ބެލުމުގެ ދަށުގައި އުޅޭ ކުދިން ބަލަހައްޓާ ފިޔަވަތީގައި ކަމަށާއި އޭނާ މިހާރު ސަސްޕެންޑްކޮށްފައިވާކަން އެނގިއްޖެ އެވެ.
ފިޔަވަތީގައި ކުދިން ބެލެހެއްޓުމުގެ ވަޒީފާ އިން ސަސްޕެންޑްކުރި މީހާ އަކީ އަނިޔާ ލިބުނު ތުއްތު ކުއްޖާގެ މާމަ އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފިޔަވަތީގެ މުވައްޒަފަކު އިއްޔެ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.
ސަސްޕެންޑްކުރި މީހާ ފިޔަވަތީގައި ވަޒީފާ އަދާކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށްވެ އެވެ.
ކުއްޖާ ރޭޕްކުރި މައްސަލާގައި ކުއްޖާގެ ކާފަ އާއި މުނިކާފަ އާއި ބައްޕަ ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. ދެ ކާފަ ހައްޔަރުކުރީ ކަނޑުހުޅުދޫންނެވެ. ބައްޕަ ހައްޔަރުކުރީ ހުޅުމާލޭންނެވެ.
ހައްޔަރުކުރި ކާފަ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ.
އެކަމަކު މުނި ކާފަގެ މައްޗަށް މިޙާރު ވެސް އަންނަނީ ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ޝަރީއަތް ހިންގަމުންނެވެ. ކުއްޖާގެ ބައްޕަ އަށް ރޭޕްގެ ތުހުމަތު ނުކުރި ނަމަވެސް ކުއްޖާ އަށް އިހުމާލުވެފައިވާ ކަމުގެ ތުހުމަތުކުރެ އެވެ.