ހަމަނުޖެހުންތަކުގައި ފުލުހުންގެ ތެރެއިން 17 މީހަކަށް އަނިޔާ ލިބުނު

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ އޮތް ފްލެޓް ކައިރީ އާންމުން އެއްވެ ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ތެރެއިން 17 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރުމަށްޓަކައި ކަމަށް ބުނެ އިއްޔެ ހުޅުމާލެ 108 ފްލެޓް ކައިރީ ހިނގާ ދިޔަ ޒާތުގެ ކަންކަމަކީ އެއް ގޮތަކަށް ފުރުސަތު ދެވޭ ކަންކަން ނޫން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އެ ފްލެޓް ބިއްލޫރިގަނޑަށާއި އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުފަހަރަށް ވެސް އެ ސަރަހައްދަށް އެއްވެ ތިބި ބަޔަކު ވަނީ ގެއްލުން ދީފަ އެވެ. ފުލުހުން ބުނީ އެ ފްލެޓް ތެރޭ ތިބި އެހެން ބަޔަކާއި ކުޑަކުދިންތަކެއް ބޭރަށް ނުނުކުވެ ތާށިވެފައި ތިބި ކަމުގެ ޝަކުވާތައް ވެސް ލިބުނު ކަމަށެވެ.

ފުލުހުން ބުނީ އެ އެއްވުމުގެ ތެރެއިން ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި 27 މީހަކު އެ ސަރަހައްދުން އެ ވަގުތުން ވަގުތަށް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނު ކަމަށެވެ. އެއީ އެ ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންގެ ތެރެއިން 17 މީހަކަށް އެކި ވަރުގެ ބޮޑެތި އަނިޔާ ލިބުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

“ކުއްޖާގެ ހައްގުގައި ކަމަށް ބުނެ ކޮންމެވެސް އެހެން މަގްސަދެއް ހާސިލު ކުރުމަށްޓަކައި އެ ސަރަހައްދަށް އެއްވެ ކޮންމެ ވެސް އެހެން ޝުއޫރުތަކެއް އެ ތަނުގައި އުފުލި ކަމަށް، އެއީ އަޅުގަނޑުމެން ހަގީގަތުގައި ވެސް ވަރަށް ހިތާމައާއެކު ފާހަގަ ކުރާ ކަމެއް. އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެދެން،” ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!