ދެ އަހަރު ނުވާ އަންހެން ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން އެކުއްޖާގެ ބައްޕަ ދިރިއުޅެމުން އައި ފްލެޓް ކައިރީ ހިނގި ހަމަނުޖެހުންތަކުގައި 27 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ 108 ނަމްބަރު ފްލެޓް ކައިރީ ހަމަނުޖެހުން ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 26 ފިރިހެނަކާއި އެއް އަންހެނަކު ކަމަށެވެ.
އޭގެ އިތުރުން ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި 26 މީހުންގެ ތެރޭގައި 18 އަހަރު ނުވާ ތިން ފިރިހެން ކުދިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފަސް މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ހައްޔަރުކުރި އަންހެން މީހާ އާއި ހަތަރު ފިރިހެނެކެވެ. އޭގެ ތެރޭގައި 18 އަހަރު ނުވާ ކުދިންތައް ވެސް ހިމެނެ އެވެ.
ރޭ އެސަރަހައްދަށް އެއްވެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އެމީހާ ދިރިއުޅެމުންދިޔަ ފްލެޓަށް ވެސް ބަޔަކު ގެއްލުންދިނެވެ.
ފުލުހުން ރޭ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާއިރު އެމީހާ ހައްޔަރުކޮށްގެން ގެންދިޔައީ ހެލްމެޓާއި ވެސްޓު ފަދަ ތަކެތި ލައްވައިގެން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.