ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ރ. މީދޫން އެ އަތޮޅު ރިސޯޓަކަށް ދަތުރުކުރާ ސަޕްލައި ދޯންޏަކުން އެ ރިސޯޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 07:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިއޮޕަރޭޝަނެއްގައި އެ ރިސޯޓު ބަނދަރު ސަރަހައްދުން އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރ. ފައިނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ތަހުގީގު ކުރަނީ ރ. މީދޫ ޕޮލިސް ސްޓޭޝަނުންނެވެ.