ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސ.ފޭދޫ، އަސްތާނާ، އަޙްމަދު ފައްތާޙަށް ވަޒީފާ އަނބުރާ ދޭން މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެން ޖެހޭ 183،720 ރުފިޔާ ދެއްކުމަށެވެ. މިފައިސާ ދައްކަން ދީފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.
މީގެއިތުރުން ސިފައިންގެ ކޯޕްރަލް އެއްގެ މަގާމުގައި ހުއްޓާ ގާނޫނާއި އުސޫލުތަކާ ހިލާފަށް ފައްތާހު ވަޒީފާއިން ވަކިކޮށްފައިވާތީ 15 ދުވަހުގެ ތެރޭގައި އޭނާއަށް އެ ވަޒީފާ ހަމަޖައްސައިދިނުމަށްވެސް ހުކުމްގައިވެ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިގޮތަށް ހުކުމްކުރީ ފައްތާހުއަށް އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ހަމަޖައްސައިދިނުމާ އެކު އަނބުރާ ވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށް ދައުލަތުން ކޯޓުގައި ބުނުމާ ގުޅިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ތެރޭގައި ފައްތާހު ވަޒީފާ އިން ވަކިކުރީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްގެން ދުވަސްތަކަކު ގެންގުޅުމަށްފަހު އެވެ.
މިމައްސަލަ ފައްތާހު ސިވިލް ކޯޓަށް ހުށަހެޅީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމާ އެކު ދެ އަހަރުގެ މުސާރައާއި އެލަވަންސް ހަމަޖެއްސުމަށާއި އަނބުރާ ވަޒީފާ ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެވެ.