އައްޑޫ ސިޓީގައި އެންމެ ފަހުން ހުޅުވާ ހިދުމަތް ދޭން ފެށި ސައުތު ޕާމް ރިސޯޓުގައި ދިވެހި މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އޭނާ ޑިއުޓީ ނައިސްގެން ބެލިއިރު އޭނާ ނިދާ ކޮޓަރީގައި ހަރަކާތެއް ނެތި އޮތުމުން އޭނާއަށް ވެފައި އޮތް ބެލުމަށް ހުޅުމީދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ޑީއުޓިއަށް ނައިސްގެން ބެލިއިރުއެވެ. އޮފިޝަލް ވިދާޅުވީ، އެ މައުލޫމާތު ފުލުހުންނަށް ލިބުނީ، 9:19 ހާއިރު ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
“އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން”. ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ސައުތު ޕާމް ރިސޯޓުގައި ސެކިއުރިޓީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.