ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ބައެއް އިސް އޮފިޝަލުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ރައިޒީނާ ޑައިލޮގްގައި ތަގްރީރުކުރެއްވުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮމަސް ޕެޓްރިޗެކް އާއި، ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގަރސް ރިންކެވިކްސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ މި ދެބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ދެ ބޭފުޅުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕްގެ ޤައުމުތަކާއިއެކި އޮންނަ ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ރާއްޖެއާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، ދިވެހިންނަށް ފަސޭހަކަމާއިއެކު ޔޫރަޕަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް  ޕެޓްރީޝިއާ ސްކޮޓްލެންޑާވެސް ދިއްލީގައި ބައްދަލުކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްތައް ހަލުވި ކޮށްދެއްވުމަށް އެކަމަނާ ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. 2019 ޑިސެމްބަރު 23 ވަނަ ދުވަހު، ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ ޤައުމަކަށް ވުމަށް މެމްބަރު އެއްވެސް ޤައުމަކުން ދެކޮޅު ނަހަދާކަން ސެކްރެޓަރީ ޖެނެރަލްވަނީ އަންގަވާފައެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ވަނުމަށް ރަސްމީކޮށް  ހުށަހެޅުމަށް އެކަމަނާ ވަނީ ދައުވަތު ދެއްވާފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދިއްލީއަށް ވަޑައިގެންފައިމިވަނީ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް  ގުޅިގެން ބާއްވާ ރައިޒީނާ ޑައިލޮގް 2020 ގައި ތަޤްރީރުކުރެއްވުމަށެވެ. އެމަނިކުފާނު މި ޑައިލޮގްގައި ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 15 ވަނަ ދުވަހުއެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!