އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމާ ދެކޮޅު ކަމަށް ހެރިޓޭޖް މިނިސްޓަރު އަދި މޯލްޑިވިއަން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނައިބު ރައީސް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަން ހާސިލު ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން މިކަމާ ފުންކޮށް ވިސްނެވުމަށް ވެސް ޔުމްނާ ވަނީ ގޮވާލައްވާފައެވެ.
ޔުމްނާ މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތައް އެމްޑީޕީއަށް ދިނުމަށް އެ ޕާޓީން އެދެމުން އަންނަ ދަނޑިވަޅެއްގައެވެ.