ކެނދިކުޅުދޫ މިސްކިތް ރައީސް ސޯލިހު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އަލަށް ޢިމާރާތްކޮށްފައިވާ “މަސްޖިދުއްރަޙްމަތު” މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ކެނދިކުޅުދޫގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

550 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 17 މާރިޗު 2019 ގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ބިންގާ އަޅުއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތަށް ހޭދަވެފައިވަނީ 296 ދުވަހެވެ.

“މަސްޖިދުއްރަޙްމަތު” ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މިސްކިތް ބައްލަވައިލައްވާ، މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!