މާލޭގެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.


ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް އިއްޔެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ގެ އަށް ގޮސް ބެލިއިރު އެވަގުތު އެއްވެސް މީހަކު ނެތެވެ.

އެހެންނަމަވެސް އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބެލެވޭތީ ގޭގެ ވެރިފަރާތް ހޯދައި އެފަރާތުގެ ހުއްދައާ އެކު އިތުރަށް އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 108 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!