އަންނަ އަހަރު ވެސް ރާއްޖެ އިން ބޭރުގައި އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ

މިއަހަރެކޭ އެއްފަދައިން އަންނަ އަހަރު ވެސް ރާއްޖެ އިން ބޭރުގައި އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވުމަށް މިނިސްޓަރު ޝާހިދު އާންމުކުރެއްވި މެސެޖުގައި ވިދާޅުވީ ދެހާސް ވިހި ވަނަ އަހަރާ އަޅުގަނޑުމެން މި ކުރިމަތިލަނީ އުއްމީދުން ފުރިފައިވާ ހިތްތަކަކާއެކުކަމަށެވެ. އަދި މިފެށޭ އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، އަމިއްލަ މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ ތާރީހީ އަހަރުކަމަށާއި، މި އާ އަހަރަށް މަރުޙަބާ ކިޔާނީ އާ އަޒުމަކާ، އާ ހިތްވަރަކާއެކު މުޅިން އާ ހަރުފަތްތަކެއް ގިރާ ކުރުމަށް ކަމަރު ބަނދެގެން ކަމަށް ފޮރިން މިނިސްޓަރގެ މެސެޖުގައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ފުރަތަމަ އަހަރު، އެމަނިކުފާނު ހާރިޖީ ސިޔާސަތު ހިންގުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށްވެސް މި މެސެޖުގައިވެއެވެ.

އެގޮތުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދާ، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ރާއްޖެ އިން އަލުން އަނބުރާ އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު ހޯދާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް އިތުރު ގައުމުތަކާއި ގުޅުން ގާއިމުކޮށް ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭފަދަ ފަހުރުވެރި ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ:
ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުން.
މި ޖަޒީރާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ހުރިހައި ކުދި ޖަޒީރާ ގައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަކަށް ހެދުން.
ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދިނުން.
ނިމިގެން މިދާ އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެން ދިޔަ ލުއިފަސޭހަތަކާއިއެކު، މި ފެށޭ އަހަރުވެސް އިތުރު ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން.
އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރުން.
އަދި ހަމަ އެހެންމެ ދިވެހި ޚާރިޖިއްޔާއަކީ އަކީ ހުރިހައި ދިވެހި ރައްޔިތުން ފަހުރުވެރިވާފަދަ ހުނަރުވެރި، ގާބިލު، ޕްރޮފެޝަނަލް ފޮރިން ސާރވިސް އަކަށް ހެދުން” ފޮރިން މިނިސްޓަރގެ މެސެޖުގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!