އާ އަހަރާ ދިމާކޮށް، ފުލުހުންގެ އޮޕަރޭޝަން އިތުރަށް ވަރުގަދަކޮށްފި

އާ އަހަރު ފެށުމާ ދިމާކޮށް، ޕެޓްރޯލް ކުރުން ފުލުހުން އިތުރުކޮށް، ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

“ރިވެލި” ނަމުގައި ކުރިޔަށް ގެންދާ އޮޕަރޭޝަންއާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން 22 ޑިސެމްބަރުން ފެށިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 6867 އުޅަނދެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި 908 މީހަކު ހުއްޓުވާ ބަލާ ފާސްކޮށްފައިވާާ ކަމަށެވެ.

އޭގެ އިތުރުން ކުށުގެ މާހައުލު ހިނގާފާނެ ތަންތަން އެ އޮޕަރޭޝަންގެ ތެރެއިން ބަލާ ފާސް ކުރާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގުމުގެ ފުރުސަތު ހަނި ކުރުމަށް ފުލުހުންގެ އަދަދު އިތުރުކޮށް، ޕެޓްރޯލް ކުރަމުން ދިޔަ ޕެޓާންއަށް ބަދަލު ގެނެސް ކުށް ހިނގާފާނެ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

“ޝައްކު ކުރެވޭ ފަރާތްތައް ހުއްޓުވައި ހަށިގަނޑު ބަލާ ފާސް ކުރުމާއި މަގުމަތިން އުޅަނދުފަހަރު ބަލާ ފާސް ކުރުމާއި ކެފޭ ރެސްޓޯރަންޓު ގެސްޓްހައުސް އަދި ޝައްކު ކުރެވޭ އެންމެހާ ތަންތަން ބަލާ ފާސް ކުރަން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް މިގެންދަނީ އަޅަމުން،” ސަމީރު ވިދާޅުވި އެވެ.

އޮޕަަރޭޝަންގެ ތެރޭގައި ސައިކަލުތަކުގެ މަޑިދަށާއި ކާރުތަކުގެ ޑިކީގެ އިތުރުން މީހުން ގެންގުޅޭ ދަބަސްތައް ބަލާ ފާސް ކުރާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

“މީހުން ނޫޅޭ އެކަހެރި ސަރަހައްދުތަކުގައި ބަލައި ފާސްކުރާނެ. މިގޮތުން އެ ތަންތަނުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އެއްވެސް ކަމެއް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ދަންނަވަން،” އިސްމާއިލް ވިދާޅުވި އެވެ.

ކްރައިމް ޕްރިވެންޝަން އަދި ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ ގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފާއިތުވި ދެ އަހަރާ އަޅާ ބަލާއިރު، އާ އަހަރާ ދިމާކޮށް ކުދިކުދި ވައްކަން މިއަހަރު އިތުރު ވެފައިވާ ކަމަށެވެ. އެ ކަންކަމަށް އާއްމުން ހޭލުންތެރިކުރުވަން ކެމްޕެއިންތަކެއް ހިންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަޝްވާ ވަނީ، މިއީ ސްކޫލް ޗުއްޓީ ދުވަސްވަރަށް ވުމުން، ރަށުން ބޭރަށް ދާއިރު ގެތައް ތަޅުލުމަށް ހާއްސަ ސަމާލުކަން ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި ތިބޭއިރު، އަގުބޮޑު ސާމާނާއި ތަކެއްޗަށް ވީހާ ވެސް ބޮޑަކަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!