ނިޔާ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް، ސިޓީ ކައުންސިލްގައި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒް (ނިޔާ) ކުރިމަތިލައްވަން ނިންމަވައިފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ މެމްބަރު ނިޔާ ވިދާޅުވީ ކައުންސިލް އިންތިޚާބަށް އެ ޕާޓީން އަންނަ މަހު ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ. މޭޔަރަކަށް ނުކުންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ދިރިއުޅޭ މާލެ އަށް ބަދަލުތަކެއް ބޭނުންވެފައި ވާތީ އެވެ.

ނިޔާ ވިދާޅުވީ ދެ ދައުރުގެ ތަޖުރިބާ އިން، މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި އަވަސް ހައްލު ބޭނުންވާ މައްސަލަތައް އޭނާ އަށް ވަރަށް ސާފު ކަމަށެވެ.

“މާލޭގެ ރައްޔިތުންނަށް އުފާވެރި، ތަނަވަސް، އަމާން، ހިތްފަސޭހަ މާހައުލެއް ބޭނުންވޭ. މި ކަންކަން ހާސިލްކޮށްދޭން އަޅުގަނޑަށް އެނގޭތީ މި ކުރިމަތިލަނީ،” ނިޔާ ވިދާޅުވި އެވެ.

ނިޔާ، ދެން ދެއްވާ ޔަގީން ކަމަކީ ޓީމަށް ކުޅެން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމެވެ. ތަފްސީލަކަށް ވަޑައިނުގަތަސް އެ އިޝާރާތް ކުރެއްވީ، މާލޭ ސިޓީ ކައުންސިލަށް ނަތީޖާ ހާސިލް ނުވެ ދިޔައީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ނުކުރެވެމުން ކަމަށް ބެލެވެ އެވެ.

“އަޅުގަނޑަކީ ޓީމަށް ކުޅެފައި ހުރި ކުޅުންތެރިން ގޮވައިގެން އުޅެން އެނގޭ، ކުޅުންތެރިންނާ އެކު ކާމިޔާބީ ވެސް ހޯދަން އެނގޭ މީހެއް،” ކުރިން ނިއުރޭޓިއަންޓަށް ފުޓްބޯޅަ ކުޅުއްވި ނިޔާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!