ވީމީޑިއާގެ ސީއޯއޯގެ މަގާމުން މޮންދު އިސްތިއުފާ ދެއްވައިފި

ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުން، މީޑިއާގެ ދާއިރާގެ ތަޖުރިބާކާރު މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާގައި ބްރޯކާސްޓިން ދާއިރާ އިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، އޭނާ ވީމީޑިއާގެ ސީއޯއޯގެ މަގާމާ ހަވާލުވެ ވަޑައިގަތީ އޭޕްރީލް، 2013 ގަ އެވެ.

އޭގެ ހަ އަހަރު ފަހުން، މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމަށް ވީމީޑިއާގެ މުވައްޒަފުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި މޮންދު ވިދާޅުވީ، އޭނާ އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ވީމީޑިއާއާ ދޫކުރެއްވީ އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާގެ އެކި މަގާމުތަކުގައި 29 އަހަރު އުޅުއްވާފައިވާ މޮންދު ވިދާޅުވި ގޮތުގައި، ވީމީޑިއާ އިން ވަކިވެވަޑައިގަތަސް އޭނާ ބްރޯޑްކާސްޓިން ދާއިރާ ދޫކޮށެއް ނުލައްވާނެ އެވެ. އެހެންވެ، ކުޑަ ބްރޭކަކަށް ފަހު ބްރޯކާސްޓް ދާއިރާގެ ޚިދުމަތުގައި އަދިވެސް ހުންނަވާނެ ކަމަށް މޮންދު ވިދާޅުވި އެވެ.

ވީމީޑިއާގެ ސީއޯއޯގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާގައި 23 އަހަރު ވަންދެން މޮންދު މަސައްކަތް ކުރެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!