މަޒީދާއި ސާމިތު ގެ ތަހުގީގު ފުރިހަމަނުވާތީ ދައުވާނުކުރި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު، ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަތައް، ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފި އެވެ.

މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރައިލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. މިއީ، ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން، އަފްރާޝީމްގެ މަރާ ގުޅިގެން ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ކޮމިޝަނުން އެދިފައިވެ އެވެ. އެކަމަކު ތިން މައްސަލައިގައި ވެސް ދައުވާކޮށް ނުދީ ޕީޖީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ ކޮމިޝަނުން ހުށަހެޅި ތިން މައްސަލައިގައި ދައުވާ ކުރަން ބެލިއިރު، ތަހުގީގު ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެނިފައިވާ ކަމަށެވެ.

“މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ފަހު އަލުން ހުށަހެޅުމަށްޓަކައި ވަނީ އަނބުރާ ފޮނުވާލާފައި،” ޝަފީއު ވިދާޅުވި އެވެ.

ތަހުގީގު ފުރިހަމަ ކުރަން ފޮނުވީ މަޒީދާއި ސާމިތުގެ މައްސަލަ އެވެ. ޝަހީމްގެ މައްޗަށް ދައުވާކޮށް ނުދިނީ، ޕީޖީން އެދުނީ، އެނގިފައިވާ ގޮތުގައި ފުލުސް އޮފީހަށް ހުށަހަޅައިގެން ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.

މަރު ކޮމިޝަނުން ހުށަހެޅި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލި އިރު އެ ކޮމިޝަންގެ ތަހުގީގުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!