ވެލިދޫގައި މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

ނ.ވެލިދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު 16:30 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

އެ އޮޕަރޭޝަނުގައި، ވެލިދޫ ބަނދަރު ސަރަހައްދުން މި ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 22 އަހަރުގެ މީހާ ލައިގެންހުރި ޖިންސު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އުމުރުން 30 އަހަރުގެ މީހާ އަތުގައި އޮތް ފައިވާނެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އެ މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!