މިއަހަރު އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް

ވައްކަމުގެ މައްސަލަތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިއަދާ ހަމައަށް 4357 ވައްކަމުގެ މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އެއީ ވޭތުވެ ދިޔަ ތިން އަހަރާ އަޅާބަލާއިރު އެއް ހާހުގެ އިތުރުވުމެކެވެ. ވޭތުވެ ދިޔަ ތިން އަހަރުވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތައް އުޅެނީ ތިން ހާހުގަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު ވައްކަމުގެ މައްސަލައިގެ ގޮތުގައި 3504 މައްސަލަ އަދި 2016 ވަނަ އަހަރު 3617 ވައްކަމުގެ މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.

ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ފަހު މިއަހަރު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޓްރެފިކްގެ 2266 މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

ފުލުހަށް ރިޕޯޓުކޮށްފައިވާ އެހެން މައްސަލަތަކަށް ބަލާއިރު މިއަހަރުވެސް ޖިންސީ ގޯނާގެ މައްސަލަތަކާއި ފޭރުމާއި ޑްރަގްގެ މައްސަލަތައް ގިނަކަން ފާހަގަ ކުރެވެ އެވެ.

އެހެނިހެން މައްސަލަތަކުގެ ތަފާސްހިސާބު

  • ޖިންސީ ގޯނާ – 384 މައްސަލައެއް
  • ފޭރުން – 473 މައްސަލައެއް
  • ގެވެށި އަނިޔާ – 212 މައްސަލައެއް
  • މާރާމާރީ – 604 މައްސަލައެއް
  • ޑްރަގް – 2098 މައްސަލައެއް

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!