6 ރަށެއްގެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފި

ހަ ރަށެއްގެ ބަނދަރުގެ މަޝްރޫއުތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަވާލު ކޮށްފައި ވަނީ އދ. ދިއްދޫ އާއި ރ. ރަސްގެތީމު ބަނދަރު ހެދުމުގެ މަސައްކަތާއި ށ. ފޭދޫ އާއި ކ. ހިންމަފުއްޓާއި ށ. ފޯކައިދޫ އާއި އަދ. ހަންޏާމީދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެކެވެ.

އޭގެ ތެރެއިން ދިއްދޫ އާއި ރަސްގެތީމުގެ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް ހަވާލު ކުރީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެވެ. އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ. ޕްލޭނިން މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފަރޫގެވެ.

ދިއްދޫ ބަނދަރުގެ މަޝްރޫއު ހަވާލު ކުރީ 22 މިލިއަން ރުފިޔާ އަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ރަސްގެތީމު ބަނދަރުގެ މަޝްރޫއު ހަވާލު ކުރީ 50 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަނެއް ހަތަރު ރަށުގެ ބަނދަރުގެ މަޝްރޫއު ހަވާލު ކުރީ އެމްޓީސީސީއާ އެވެ. ފަސް މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ. އެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީން ސޮއި ކުރެއްވީ ޝާނާ ފަރޫގެވެ.

ފޭދޫގެ ބަނދަރުގެ މަޝްރޫއު ހަވާލު ކުރީ 33 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ހިންމަފުށީގެ ބަނދަރުގެ މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރި 25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފޯކައިދޫގެ މަޝްރޫއުގެ އަގަކީ 56 މިލިއަން ރުފިޔާ އެވެ. އަދި ހަންޏާމީދޫގެ ބަނދަރުގެ މަޝްރޫއަކީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި 32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!