މަރުވި މުވައްޒަފުގެ މުސާރަ އާއި އިނާޔަތްތައް ދަރިފުޅަށް!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުންޏެއް ކަމަށްވާ، ވާމިލިއަންގެ އަންހެން މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވުމުން އޭނާގެ މުސާރަ އާއި އިނާޔަތްތައް ދަރިފުޅަށް ދޭ ގޮތަށް ނިންމައިފި އެވެ.

ވާމިލިއަންގެ ރިޒަވޭޝަން މެނޭޖަރު ހަނާ އަބްދުއްސައްތާރު، 30، މަރުވީ މިދިއަ އާދިއްތަ ދުވަހު އޮފީހުގައި އިންދާ ޖެހުނު ސްޓްރޯކަކަށް ފަރުވާ ދެމުން ދަނިކޮށް، މިދިއަ ބުދަދުވަހު އެވެ.

ވާމިލިއަންގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އެ ކުންފުނީގެ ރިޒަވޭޝަން މެނޭޖަރު، ހަނާ އަބްދުއްސައްތާރު ވަނީ މިދިއަ ބުދަ ދުވަހު ކުއްލި ގޮތަކަށް މަރުވެފަ އެވެ. އަދި އޭގެ ފަހުން އެކުންފުނިން ވަނީ ހަނާގެ މުސާރަ އާއި އިނާޔަތްތައް އޭނާގެ 18 އަހަރު ނުފުރޭ ދަރިފުޅަށް ދޭން ނިންމާފަ އެވެ.

ވާމިލިއަންގެ ޕަބްލިކް ރިލޭޝަން އޮފިސަރު ހުސައިން ޝިޔާހު ވިދާޅުވީ ހަނާ، އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ހުރީ ކުންފުނީގެ ހިދުމަތުގައި ކަމަށެވެ.

“އަޅުގަނޑުމެން ކޮންމެ މުވައްޒަފަކަށް ވެސް މި އުސޫލު އޮންނާނެ. ނަމަވެސް މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު. ހަނާ އަކީ މި ކުންފުނީގެ ހުންގާނެއް. އެހެންވީމަ ހަނާގެ މުސާރައިގެ ގޮތުގައި ދެމުން އައި 16،000 ރުފިޔާ އާއި އެހެން ހުރިހާ އިނާޔަތްތަށް ވެސް އަޅުގަނޑުމެން އޭނާގެ ދަރިފުޅަށް ދޭނަން. 18 އަހަރު ވިޔަސް ބޭނުން ދާއިރާއަކުން ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދިއުމަށް ހުރިހާ ހަރަދެއް ދޭނެ” އޭނާ ވިދާޅުވި އެވެ.

ޝިޔާހް ވިދާޅުވީ ހަނާއަކީ ކުންފުނީގެ މުހިންމު މުވައްޒަފެއް ކަމަށައި އޭނާ ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ ދަރިފުޅަށް 18 އަހަރު ފުރެންދެން އޭނާގެ މުސާރަ އާއި އިނާޔާތްތަށް ދޭން ނިންމާފައިވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް ދިމާވި ހުރިހާ ގޮންޖެހުމެއްގައި ވެސް އަޅުގަނޑުމެންނާ އެކު ހުރި މުވައްޒަފެއް އެއީ. ވަރަށް މަސައްކަތަށް ފަރުވާތެރި. އެހެންވެ އަގު ވަޒަންކުރަން ބޯޑުން ނިންމީ،” ޝިޔާހު ވިދާޅުވި އެވެ.

އޭނާ މަރުވި އިރު ފިރިއަކާއި ހަ އަހަރުގެ ފިރިހެން ކުއްޖަކު ހުއްޓެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!