ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި

ރާއްޖެއަށް ވަޒީފާއަށް ގެންނަ ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން އެ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެވޭ ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީ އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ބަދަލުގައި، “ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް” ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ފޯމަކީ، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ފަރާތާއި، ކޯޓާ އަށް އެދި ހުށަހަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓު އެފަރާތާ ހަވާލުކުރެވިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން، ކަމާގުޅޭ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ފޯމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިފޯމު ހުށަހަޅާނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު ގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ ސިވިލް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭ ފަރާތްތަކުން މިނިސްޓްރީއަށް ފޯމު ހުށަހަޅާއިރު އެ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!