ފްލައިޓްތައް ޑިލޭވަނީ ރަންވޭ ބާރުބޮޑުވުމުން

ޗުއްޓީ ދުވަސްވަރު އެތެރޭގެ އުދުހުމާއި އެއްވަރަށް ބޭރުގެ އުދުހުންތައް ވެސް ގިނަވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންތިހާއަށް ބާރުބޮޑުވުމުގެ ސަބަބުން ފްލައިޓުތައް ޑިލޭ ވަނީ ކަމަށް އެއާޕޯޓު ކުންފުނިން ބުނެފިއެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައި ވަނީ، ދުވާލެއްގެ މައްޗަށް މި ދުވަސްވަރު 50 އަށްވުރެ ގިނަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާއިރު، އެކަމުގެ ސަބަބުން ރަންވޭއަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ.

އަދި މި ދުވަސްވަރު ރަންވޭ ބާރުބޮޑުވެ ފްލައިޓުތައް ޑިލޭވުމުގެ މައްސަލަ ކުރިމަތިވަމުން ދިޔަ ނަމަވެސް، ޗުއްޓީ އާއި ދިމާކޮށް ގިނަ ބަޔަކު އެކި މަލްޒިލްތަކަށް ދަތުރުކުރާ މި ސީޒަން ނިމުމުން މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތައް ޑިލޭވާ މިންވަރު އިތުރުވެ އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި މޯލްޑިވިއަން އިން ބުނެފައިވަނީ އެއާލައިނުން ގަސްދުގައި އެއްވެސް ފްލައިޓެއް ޑިލޭ ނުކުރާ ކަމަށެވެ.

ވެލާނާ އެއާޕޯޓު އިންތިހާއަށް ބާރުބޮޑުވެގެން ގޮސްފައިވަނީ އެންމެ ރަންވޭއެއް ބޭނުންކުރަން ޖެހޭތީ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!