އެލް ޗަޕޯގެ ދަރިފުޅު ކާރާއި، ގޭގެއަށް ބޭނުންވާ އަގުބޮޑެތި ސާމާނު ބަހައިފި

ފަހަކަށް އައިސް އުފެދުނު އެންމެ ވަރުގަދަ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ ކަމަށްވާ އެލްޗަޕޯ އެމެރިކާގެ ޖަލެއްގައި ހުރިނަމަވެސް އޭނާގެ ނަން އަބަދުވެސް މީޑިއާގެ ސުރުހީތަކަށް ދަނީ އަރަމުންނެވެ. މިފަހަރު އޭނާގެ ނަން އަނެއްކާވެސް މީޑިއާ އާއި ހަމައަށް އައިސްފައި މިވަނީ ދޮށީ ދަރިފުޅުގެ ސަބަބުންނެވެ.

އެލްޗަޕޯގެ ދަރިފުޅު އިވާން ގުޒްމަން މިވަނީ އޭނާ ދިރިއުޅޭ ސަރަހައްދުގެ އާންމުންނަށް ކާރާއި، ގޭގެއަށް ބޭނުންވާ އަގުބޮޑެތި ސާމާނު ބަހާފައެވެ. މިއީ ކްރިސްމަސް ފާހަގަ ކުރަން އޭނާ ކުރި ކަމެއް ކަމަށް ވެއެވެ. ހަދިޔާ ބެހުމުގެ އިތުރުން އޭނާ ވަނީ ބޮޑު ކެއުމެއް ވެސް އެ ސްޓޭޓްގެ އާންމުނަށް ދީފައެވެ. އަދި ކޮންސެޓެއް ވެސް ބޭއްވި ކަމަށް ވެއެވެ.

އެލްޗަޕޯގެ ދަރިފުޅު ވަނީ މަދުވެގެން 10 އެސްޔޫވީ އެކި މީހުންނަށް ހަދިޔާ ކޮށްފައި ކަމަށް މެކްސިކޯގެ މީޑިއާތަކުން ބުނެއެވެ. އެސްޔޫވީގެ އިތުރުން ހޮންޑާ ސިވިކް މަރުކާގެ ކާރުތަކެއް ވެސް ބެހިއެވެ. ނަމަވެސް މީހުންނަށް ދީފައި ވަނީ އޭގެ ކިތައް ކާރު ކަމެއް މީޑިއާއަށް ޔަގީނެއް ނުކުރެވެއެވެ.

އެލްޗަޕޯގެ ކުރިން ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ ޕަބްލޯ އެސްކޮބާ އަކީ ވެސް ވަރަށް ގިނައިން އަގުބޮޑެތި ހަދިޔާ މީހުންނަށްދީ، ފައިސާ ވެސް އާންމުނަށް ބެހި މީހެކެވެ. އެހެންވެ އެސްކޮބާ އަކީ މެކްސިކޯގެ ފަގީރުންގެ މެދުގައި ވަރަށް މަގުބޫލް މީހަކަށް ވެސް ވިއެވެ.

އިވާން އަކީ އެލްޗަޕޯގެ ހަ ދަރިންގެ ތެރެއިން އެއް ދަރިއެވެ. އިވާން ވަނީ މިދިޔަ އޮކްޓޯބަރ މަހު ފުލުހުން އޭނާގެ ކޮއްކޮ ލޮޕޭޒް ހައްޔަރު ކުރުމުން ގްރޫޕެއް ގޮވައިގެން ގޮސް ފުލުހުންނަށް ހަމަލާދީ ކޮއްކޮ ސަލާމަތް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!