ދަނޑުވެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް އޮޅުވެލިފުށީގައި ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަހަރު ކުރިއަށްގެންދާ ދަނޑުވެރިކަމުގެ އެންމެ ފަހު ތަމްރީން ޕްރޮގްރާމް ޅ އަތޮޅު އޮޅުވެލިފުށީގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ޅ.އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ޙަރަކާތެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. 22 ބައިވެރިންނާއެކު މިހާރު ކުރިއަށްދާ މިޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ދަނޑުވެރިކަމާބެހޭ ވުޒާރާއިންނެވެ.

މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނި ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ގޯތިތެރޭގައި ގަސްހައްދާނެ ގޮތާއި ގަސް ގަހާގެއްސަށް އާންމުކޮށްޖެހޭ ބަލިތަކާއި ފަރުވާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާއި ބޭސްފަދަ ތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

ރަށްރަށުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިންގުމަށް ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގައި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ފޯރުކޮށްދޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!