މުސްލިމުންގެ ދިފާޢުގައި 3 ހާނުން ހަނު ތިބޭތީ ކަންބޮޑުވުން ފާޅުކޮށްފި

ބޮލީވުޑުގެ އެންމެ ވަރުގަދަ ތިން ސުޕަސްޓާރުން އިންޑިއާގެ ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ މެދު އެއްޗެއް ބުނުމަށް އެގައުމުގެ މަޝްހޫރު ފިލްމު ޑިރެކްޓަރަކު ގޮވާލައިފި އެވެ.


މުސްލިމުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ރައްޔިތުކަމާ ބެހޭ އެ ގާނޫނާ ދެކޮޅަށް މުޅި އިންޑިއާގައި މުޒާހަރާ ކުރަމުން ދާއިރު، ގިނަ ތަރިންތަކެއް ވެސް ވަނީ މުޒާހަރާގެ ބައިވެރިންނާ އެއްކޮޅަށް ވާހަކަދައްކާފަ އެވެ.

އެކަމަކު ބޮލީވުޑުގެ އެންމެ ވަރުގަދަ ތިން ސުޕަސްޓާރުން ކަމަށްވާ، ޝާހްރުކް ހާން، އާމިރް ހާން އަދި ސަލްމާން ހާން އެކަމުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ތިން ތަރިންނަކީ ވެސް މުސްލިމުންނެވެ.

އެއާއެކު މަގްބޫލު ފިލްމު ޑިރެކްޓަރު އަނޫބާވް ސިންހާ ބުނެފައި ވަނީ އެ ގާނޫނާ ދެކޮޅަށް ވާހަކަ ނުދައްކާ މީހުން ދެކެ ރުޅި އަންނަ ކަމަށެވެ. އަނޫބާވް އަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އާއްމުކޮށް ފާޑުކިޔާ މީހެކެވެ.

އަނޫބާވް ބުނީ އެ ތިން ހާނުންނަކީ މުޅި ބޮލީވުޑް ކޮންޓްރޯލް ކުރާ ތަރިން ކަމަށާއި، އެމީހުން އެންމެ ބަހެއް ބުނި ނަމަވެސް، އޭގެ އަސަރު އެތައް މިލިއަން ފޭނުންނަށް ކުރާނެ ކަމަށެވެ.

ޝާހްރުކް ހާންގެ 40 މިލިއަން ފޮލޯވާސް ޓްވިޓާގައި ތިބެއެވެ. ސަލްމާންގެ 38 މިލިއަން އަދި އާމިރު 25 މިލިއަން ފޮލޯވާސް ޓްވިޓާގައި ތިބެއެވެ. ނަމަވެސް މުސްލިމުންގެ ދިފާޢުގައި މިއިން އެއްވެސް މީހަކު އަދި މިހާތަނަށް އެންމެ ޓްވީޓެއް ވެސް ކޮށްފައެއް ނުވެއެވެ.

މުސްލިމުންގެ ދިފާޢުގައި ވާހަކަ ނުދައްކާތީ ތިން ޚާން ޓެގްކޮށް ގިނަ ބަޔަކު ގެންދަނީ ޓްވީޓް ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް ޓްވީޓަކަށް އެއިން މީހަކު ޖަވާބު ދީފައެއް ނުވެއެވެ.

“ރޮއިޓާސް” އިން ބުނީ މުސްލިމުންނާއި ދެކޮޅަށް ފާސްކޮށްފައިވާ ޤާނޫނާއި އިންޑިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބެހޭ ގޮތުން ތިން ޚާންގެ ބަހެއް ހޯދަން ވަކިވަކިން އެމީހުންނަށް ގުޅަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއްވެސް މީހަކު އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަކީ ބޮލީވްޑްގެ ތަރިންނާއި އެކު ހާއްސަ ގުޅުމެއް ބާއްވާ ބޭފުޅެކެވެ. މީގެ ކުރިން މޯދީ ވަނީ އެކިފަހަރު މަތިން ތިން ޚާން އާއި ވެސް ބައްދަލުކޮށްފައެވެ. އަދި ހަފްލާތަކުގައި އެމިހުން ވަނީ މޯދީ އަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!