ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ގައުމީ އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް އެމްއާރްއެމްއިން ގޮވާލައިފި

ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް ސަރުކާރުން ކޯލިޝަން މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރްއެމް)އިން ގޮވާލައިފިއެވެ.


ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސް ފާހަގަކުރަމުން ދާއިރު، ދިވެހިންގެ ހިތައް ގެންނަންވީ އެދުވަހު އެ ކާރިސާ އާ ގުޅިގެން މުޅިގައުމަށް ވެރިވެފައިއޮތް ނާމާން ކަމާއި ހިތްދަތިކަމާ ކުރިމަތި ލުމުގައި ދިވެހިރައްޔިތުން ދެއްކެވި ހަރުދަނާ ގައުމީ އެއްބައިވަންތަކަން ކަމަށެވެ. އިސްލާމީ ވަރުގަދަ އަގީދާ އާއެކު ދިވެހި ރައްޔިތުން ސާބިތުކޮށްދެއްވި ކެތްތެރި ކަމާއި ހިތްވަރު ގަދަކަން ކަމަށެވެ. އަދި ކިޔަމަންތެރި ކަމާއި އިހުލާސްތެރިކަން ކަމަށެވެ.

އެމްއާރްއެމްއިން ބުނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ނަތީޖާއަކަށްވީ އެދުވަހު ހާލުގައި ޖެހުނު އަހުންނާއި އުހުތުންނަށް ބޭނުންވި އެހީތަށް ހަމަ ވަގުތުން އެފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށާއި އެކަމުން ލިބުނު ގެއްލުންތައްބަލާ ފުރިހަމަ ރޭވުންތަކާއެކު އެކަންކަން ރަނގަޅު ކޮށްދިނުން ކަމަށެވެ.

“ދެހާސް ހަތަރުވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ހާދިސާ އަކީ ﷲ ސުބުހާނަހު ވަތަޢާލާ އަޅުގަނޑުމެނަނަށް ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިހާނެކެވެ. އެއިމްތިހާނުން އަޅުގަނޑުމެންނަށް ހާސިލްވި އެންމެ މަތިވެރި އިބުރަތަކީ ގައުމީ އެއްބައިވަންތަ ކަމުގެ މުހިންމު ކަމެވެ. ގައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަމެވެ،” އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.

އެމްއާރްއެމްއިން ބުނީ މިއަދު، ރާއްޖޭގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެޕާޓީން ގޮވާލަނީ ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ގައުމީ އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް ކަމަށެވެ. އަދި ދިވެހީންގެ އިސްލާހީ ހަރަކާތް ތަކަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަޝްވަރާ ކޮށްގެން ކުރާ މަސައްކަތްތަކެއް ކަމުގައި ހެދުމަށެވެ. މާޒީގެ އިބްރަތުން ލިބިފައިވާ ފިލާވަޅުތައް މުސްތަގުބަލް ބިނާކުރުމުގައި ބޭނުން ކުރުމަށްވެސް އެޕާޓީން ވަނީ ގޮވާލައިފައެވެ.

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވީ އާދީއްތަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ބިރުވެރި އަދި ހިތާމަވެރި ކާރިސާއެވެ.

މިއަދު މި ކާރިސާއަށް މިވަނީ 15 އަހަރު ފުރިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!