އާރްޓީއައި އެވޯޑް ނޫސްވެރިންނަށް ދޭން ނިންމައިފި

މައުލޫމާތު ހޯދައި، ހާމަކުރާ ނޫސްވެރިންނަށް ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި) އެވޯޑް ދޭން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އިއުލާން ކުރައްވައިފި އެވެ.

ރަން ވަނަ އެވޯޑް މީގެ ކުރިން ދެމުން އަންނަނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރާ އިދާރާއަކަށެވެ.

އެކަމަކު އާ އިންފޮމޭޝަން ކޮމިޝަނަރުގެ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން ދެމުން އަންނަ އެވޯޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އެ ހައްގުގެ ދަށުން މައުލޫމާތު ހޯދަން އެންމެ ރަނގަޅަށް މަސައްކަތްކުރާ ނޫސްވެރިޔަކު ވެސް ހޮވަން ނިންމަވާފައިވާ ކަމަށެވެ.

އެވޯޑަށް ގެންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު އަންނަ މަހު ހާމަކުރައްވާނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

ނޫސް އެޖެންސީގެ ކެޓަގަރީގައި ނޫސްތަކާއި ނޫސް ވެބްސައިޓްތަކާއި ޓީވީ ރޭޑީއޯ ވެސް ހިމެނެ އެވެ.

ފިޔާޒު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމާއި ހާމަކުރުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރިޕޯޓު ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު 88 ޕަސެންޓް އިދާރާތަކުން އެ ފޯމް ހުށައަޅާފައި ނުވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ “އެ އަނދިރިކަމުގެ ތެރޭގައި އޮތް ބައި ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ” ކަމަށެވެ.

މައުލޫމާތު ހޯދުމުގެ ރަން ވަނައިގެ އެވޯޑް، އަންނަ އަހަރު ތަފާތު 10 ކެޓަގަރީއަކުން ދޭނެ އެވެ. ދައުލަތުގެ އެކި އިދާރާތައް ވަނީ ތަފާތު ކެޓަގަރީތަކަށް ބަހާލައިފަ އެވެ. ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތައް ހިމެނެނީ ވަކި ކެޓަގަރީއެއްގަ އެވެ. ޝަރުއީ ދާއިރާއަށް ވެސް ވަކި ކެޓަގަރީއެއް ހާއްސަކޮށްފައިވެ އެވެ.

އޭގެ އިތުރުން ރަައްޔިތުންގެ މަޖިލިހާއި މިނިވަން މުއަައްސާތައް ހިމެނެނީ އެއް ބައެއްގަ އެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ހާއްސަ ކެޓަގަރީއަކާއި. ޔުނީފޯމް އެޅި އިދާރާތަކަށް ވެސް ވަކި ކެޓަގަރީއެއްގެ އެވޯޑް ދެ އެވެ.

ދައުލަތުގެ އިދާރާތަކަށް ހަ އެވޯޑެއް ވަނީ ހާއްސަކޮށްފަ އެވެ.

ފިޔާޒު ވިދާޅުވީ އިދާރާތަކުން މައުލޫމާތު ނުލިބިގެން މި އަހަރުގެ މިހާތަނަށް 42 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 38 މައްސަލަ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!