ފޮޓޯ: މިހާރު

ވަކީލު އަބްދުﷲ ފެނުނީ ފަޅު ރަށުގައި ނިދިފައި އޮއްވައި

ބ. ކެންދޫން ފުރައިގެން ކުޑަ ދޯންޏެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ރޭ ގެއްލިގެން ހޯދި ވަކީލް އަބްދުﷲ އަލީ، ފެނުނީ ފަޅު ރަށުގައި ނިދިފައި އޮއްވައި ކަމަށް ކެންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އަބްދުﷲ، ރިޔާ ނެގި ކުޑަ ދޯންޏެއްގައި އިއްޔެ ހަވީރު ފަހެއް ޖަހާކަންހާއިރު، ކަނޑަށް ނުކުމެ ޚަބަރެއް ނުވެ ގިނައިރު ވުމުން އޭނާ ހޯދަން ކެންދޫގެ ރައްޔިތުން ނުކުތީ ރޭގެ 10 ޖަހަން އުޅެނިކޮށެވެ. އަދި ރޭ 11:30 ހާއިރު އޭނާ ފެނުނީ ކެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫންނެވެ.

ކެންދޫ ކައުންސިލުން ބުނީ އަބްދުﷲ ހޯދުމުގެ މަސައްކަތުގައި އާއްމުންނާއި ފުލުހުން އަދި ކައިރި ރިސޯޓުތަކުން ޖުމްލަ 20 އުޅަނދު ބައިވެރިވި ކަމަށެވެ.

“އޭނާ ފެނުނުއިރު ނިދިފައި މިއޮތީ. އެކަމަކު އެ ރަށަށް [ކެޔޮދޫ] އެރީ ކިހިނެއް ކަމެއް، ކީއްވެގެން ކަމެއް އަދި ސާފެއް ނުވޭ،” ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.

އަބްދުﷲ ފެނުމާ އެކު ވަނީ ރޭ ވަނީ ކެންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފަ އެވެ. އެކަމަކު، އޭނާ އެ ތަނަށް ގެންދިޔައީ ނުކައި ގިނައިރު ވެފައި ހުރުމުން އެ ވަގުތަށް ބޭނުންވާ ފަރުވާ ދިނުމަށް ކަމަށް ވެ އެވެ.

އަބްދުﷲ ގެއްލެން ދިމާވީ ކީއްވެގެން ކަމެއް އަދި އެ ކެޔޮދު އަށް އެރި ސަބަބެއް އަދި ނޭނގެ އެވެ.

ޗުއްޓީ އަށް ރަށަށް ގޮސް އުޅޭ އަބްދުﷲ ހުސްވަގުތުތަކުގައި ރިޔާ ނެގި ކުޑަ ދޯނީގައި ދޭތެރެދޭތެއިން ދުއްވަން ދާ ކަމަށް ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!