ފާޚާނާ އަށް ވެއްޓި، ފާރެއްގައި ބޯ ޖެހުމުގެ ސަބަބުން ކުޑަ ވަގުތު ކޮޅަކަށް ބްރެޒިލްގެ ރައީސްގެ ހަނދާން ގެއްލިއްޖެ

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯގެ ރަސްމީ ގެކޮޅުގެ ފާޚާނާ އަށް ވެއްޓި، ފާރެއްގައި ބޯ ޖެހުމުގެ ސަބަބުން ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހަނދާނުގެ ބައި ގެއްލުނު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އުމުރުން 64 އަހަރުގެ ބޮލްސޮނަރޯ މިދިޔަ ހޯމަ ދުވަހުގެ ރޭ ވެއްޓުނީ އޭނާ ދިރިއުޅުއްވާ އަލްވޮރާޑާ ގަނޑުވަރުގެ ފާޚާނާއަކަށެވެ.

“ފާޚާނާ އަށް ވެއްޓި ބޯ ޖެހުމާ އެކު އަޅުގަނޑުގެ ހަނދާނުގެ ބައި ގެއްލުނު،” ބްރެޒިލްގެ ޓީވީއަކަށް ދެއްވި ފޯން އިންޓަވިއުއެއްގައި ބޮލްސޮނަރޯ ވިދާޅުވި އެވެ. “އަޅުގަނޑު ހަމައަކަށް އެޅުނީ ޖެހިގެން އައި ދުވަހު. އޭގެ ކުރީ ދުވަހުގެ އެއްވެސް ކަމެއް ހަނދާނަކު ނެތް.”

ފާޚާނާ އަށް ވެއްޓުމާ ގުޅިގެން ބޮލްސޮނަރޯ ވަނީ ވެރިރަށް ބްރެޒީލިއާގެ ސިފައިންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ.

ސީޓީ ސްކޭނުން ދައްކާ ގޮތުގައި ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!