13 އަހަރުގެ ކުއްޖާގެ މައްސަލާގައި ހައްމާދުގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި

ކައިވެނީގެ ނަމުގައި 13 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ އިސްމާއިލް ހައްމާދުގެ މައްޗަށް ދައުލަތުން ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ރ. މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ މިދިޔަ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ. އެ ހަމަނުޖެހުމުގައި ހައްމާދަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، އޭނާ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހައްމާދުގެ މައްޗަށްކޮށް، މިއަދު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފި ނަމަ، އެ މީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!