މާދަމާ ހިފާ އިރުކޭތަ ގިނައިރުތަކެއް ވަންދެން ރާއްޖެ އަށް ފެންނާނެ

މާދަމާ ހެނދުނު ހިފާ އިރުކޭތަ ގިނަ އިރުތަކެއް ވަންދެން ރާއްޖެ އަށް ފެންނަން ހުންނާނެ ކަމަށް ޖައްވީ ކަންކަން ދިރާސާ ކުރާ ދިވެހި ޖަމިއްޔާ، މާސްއިން ބުނެފި އެވެ.

ސުނާމީ ކާރިސާ އަށް 15 އަހަރު ފުރުން ފާހަގަ ކުރާ ދުވަހު މާލެއަށް އިރުކޭތަ ހިފާނީ ހެނދުނު 7:38 އިން 10:32 އަށެވެ. އުތުރުގެ ރަށްތަކަށް އެ ވަގުތަށްވުރެ ފަސް މިނެޓް ކުރިން އިރުކޭތަ ހިފާއިރު ދެކުނުގެ ރަށްތަކަށް އިރުކޭތަ ހިފާނީ މާލެއަށް ވުރެ ފަސް މިނެޓް ލަހުން ކަމަށް މާސްއިން ބުނެ އެވެ.

“އެންމެ ގަދަޔަށް އިރުކޭތަ ހިފާފައި ހުންނަނީ 8:56 ގައި،” މާސްގެ ފައުންޑާ ހަމްދޫން އަނީޝް ބުންޏެވެ.

އޭނާ ބުނިގޮތުގައި އެންމެ ބޮޑަށް އިރު ގެއްލިފައިވަނިކޮށް ރާއްޖެ އަށް ފެންނާނީ އުތުރުގެ ރަށްތަކަށެވެ. އެ ހިސާބުތަކަށް އިރުގެ 75 ޕަސެންޓް ގެއްލިފައިވަނިކޮށް ފެންނާނެ ކަމަށާއި މާލެއަށް ފެންނާނީ އިރު 67 ޕަސެންޓަށް ގެއްލިފައި ވަނިކޮށް ކަމަށް ހަމްދޫން ބުންޏެވެ.

އަދި ދެކުނުގެ ރަށްތަކަށް ފެންނާނީ އިރު 58 ޕަސެންޓަށް ގެއްލިފައި ވަނިކޮށް ކަމަށް އޭނާ ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!