ދިވެހިރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް އެއްވެސް ޤައުމަކުން ދެކޮޅެއް ނޫން: ސެކްރެޓަރީ ޖެނެރަލް

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ދެކޮޅު ނަހަދާކަން ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަށް އަންގައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ފޮނުއްވި ސިޓީފުޅެއްގައެވެ. މެމްބަރު އެއްވެސް ޤައުމަކުން، ދިވެހިރާއްޖެ އަލުން މެމްބަރަކަށް ވުމަށް ދެކޮޅު ނަހަދާކަމަށް ބުނުމަކީ ކޮމަންވެލްތާއި ރާއްޖެ އަލުން ގުޅުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

23 ޑިސެމްބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވި ސިޓީފުޅުގައިވަނީ ދިވެހިރާއްޖެއަށް ވަޑައިގެންނެވި ދެ އެސެސްމަންޓް ޓީމާއި އިލެކްޝަން އޮބްޒަރވޭޝަން މިޝަންގެ ކާމިޔާބު ދަތުރުތަކަށްފަހު، އެ ޓީމްތަކުގެ ރިޕޯޓްތައް މެމްބަރު ޤައުމުތަކާއި ހިއްސާކުރެވި، ހުރިހާ ޤައުމަކުންވެސް އެރިޕޯޓްތައް ބަލައިގެންފައިވާކަމަށެވެ. އަދި ދިވެހިރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިކަމަށް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތަށް އަލުން ވަނުމުގެ މުހިއްމު ހަރުފަތެއް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ހެދުމަށް މެމްބަރު އެހެން ޤައުމުތަކުން ދަނީ ބާރުއަޅަމުންނެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމަކަށްވެ، 2020 ޖޫންގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ބައްދަލުވުމުގައި ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!