އަދުހަމް އެއާޕޯޓަށް ގޮސްފައި ވަނީ ތޫނު ހަތިޔާރާއި އެކު ފޭރުމުގެ ނިޔަތުގަ: ފުލުހުން

ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރާލި ގާސިމް ހަސަންގެ ކާރަށް ގާތިލު އަދުހަމް އެރީ އެއާޕޯޓުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގާސިމްގެ މަރާއި ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ކަންކަން މީޑިއާތަކާއި ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ވާހަކަ ދައްކަވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ގާތިލު އަދުހަމް ޑިސެމްބަރު 4 ވަނަ ދުވަހުގެ 21:31 ގައި ގާސިމް ދުއްވި ޓެކްސީއަށް އަރާފައި ވަނީ އެއާޕޯޓުން ކަމަށެވެ.

“މީނައަށް އެންމެ އެދެވޭ މީހާކަމަށް ގަބޫލުކުރި ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައި ވަނީ ގާސިމް ހަސަން. އޭނާ ގާސިމް ހަސަންގެ ޓެކްސީއަށް އެއާޕޯޓުން އަރާފައި ވަނީ އެރޭ 21:31 ހާއިރު. އެހިސާބުން އޭނާ ގަސްތުކޮށްފައި ވަނީ ގާސިމް ހަސަން އަށް ބިރުދެއްކުމަށްޓަކާ އިތުރު މަންޒިލަކަށް ގެންދިއުމަށް” ސާމިހް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަދުހަމް އެއާޕޯޓަށް ގޮސްފައި ވަނީ ތޫނު ހަތިޔާރަކާއި އެކު ފައިސާ ހޯދުމަށް ފޭރުމުގެ ނިޔަތުގައެވެ. އަދި އެއާޕޯޓަށް ދިއުމުގެ ކުރިންވެސް އޭނާ ވަނީ ފޭރުމަށް ފުރުސަތެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށާާއި އެހެން ނަމަވެސް އެއާޕޯޓަށް ދިއުމުގެ ކުރިންވެސް އަދި އެއާޕޯޓު ތެރެއިންވެސް އެފަދަ ގފުރުސަތެއް ފަހިވެފައި ނުވުމުން ދެން ދިމާކުރީ އަނެއްކާވެސް ޓެކްސީއަކަށް އަރައި އެ ޓެކްސީ އިން ފޭރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގާސިމަކީ އަދުހަމް އެދުވަހު ފޭރުމަށް ދިމާކުރި ތިންވަނަ ޓެކްސީ ޑްރައިވަރެވެ. އޭނާ ހިތުލައިގެން ހުރީ، އުމުރުން ދުވަސްވީ މީހުންނާއި ދިމާ ކުރުމަށް ކަމަށާއި، އެހެން ނަމަވެސް ގާސިމްގެ ޓެކްސީގެ ކުރިން އޭނާ އެރި ދެޓެކްސީ އަކުންވެސް އެފަދަ ފުރުސަތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސާމިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގާސިމް ހަސަން އަށް ބިރުދެއްކުމަށް ޓެކްސީގައި ހުޅުމާލޭ ހާފްވޭހައުސް އަށް ގެންގޮސްދިނުމަށް އެދިފައި ވާކަން ސާބިތުވެފައިވާ ކަމަށާއި، އެތަނަށް ގެންދިއުމަށް އެދިފައި ވަނީ އެސަރަހައްދަކީ އެކަށީގެންވާ އަލިކަމެއް ނެތްތަނަކަށް ވުމުން ކަންވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!