ގާސިމްގެ ކާރަށް އަދުހަމް އެރީ ހުޅުލެއިން، ހަމަލާދިނީ ފޭރުމުގެ ތެރެއިން: ފުލުހުން

ހުޅުމާލޭގައި މަރާލި ގާސިމްގެ ހަސަންގެ ކާރަށް، އަދުހަމް އެރީ ހުޅުލެއިން ކަމަށާއި ގާސިމް މަރާލީ ފޭރެން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ކަމަށް، ފުލުހުން ދެންމެ ބުނެފި އެވެ.

އިސްކަންދަރުކޮށީގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ގާސިމް މަރާލި ހަމަލާދިން ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މުހައްމަދުގެ އަމާޒަކަށް ހެދީ އެ ދުވަހުގެ މެންދުރު ފަހުން ފެށިގެން ހުޅުމާލޭގައި ފޭރެން އުޅެފައި، އެކަން ނުވެ އެންމެ ފަހުން ހުޅުލެއަށް ގޮސް، އެކަން ކުރަން އޭނާއަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ފެނިގެން ކަމަށެވެ.

“އަދުހަމް ބަލަމުން ދިޔައީ އުމުރުން ތަންކޮޅެއް ދުވަސް މީހަކަށް،” ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަދުހަމް މުޅި ދުވަސް ހޭދަކުރީ މާލެ އާއި ހުޅުމާލޭގައި ވެސް މަސްތުވާތަކެތި ބޭނުންކުރުމުގައި ކަން، މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:00 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.

ފުލުހުން މިއަދުވެސް ބުނީ ގާސިމް ހަސަން މަރާލި ކަމަށް އަދްހަމް އެއްބަސްވެފައިވާ ކަމަށާ އެ ވާހަކަަތައް ފުލުހުންގެ ތަހުގީގުގެ އިތުރުން ކޯޓްގައި އޭނާ ކިޔައިދީފައިވާ ކަމަށެވެ. އަދި އަދްހަމްގެ އަމިއްލަ އިއުތިރާފުގެ އިތުރުން ފުލުހުންގެ ތަހުގީގުންވެސް މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!