މާފުށި ފިހާރައެއް ފަޅާލައި ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ނަގައިފި

ކ.މާފުށީ ފިހާރައެއް ފަޅާލައި 14 ކާޓަން ސިނގިރޭޓް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 3:50 ހާއިރު ކަމަށާއި މި ވައްކަމުގައި ފިހާރައިގެ ބިއްލޫރި ދޮރު ތަޅާލުމަށްފަހު ފިހާރައިގެ ތެރެއިން 14 ކާޓަން ސިނގިރޭޓް ވަގަށް ނަގާފައިވާ ކަމަށެވެ.

ބިއްލޫރި ދޮރު ތަޅާލުމުގެ ތެރެއިން މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާގެ އަތް ކަނޑައިގެން ގޮސް ދޮރުގައި އަދި ތަޅުންގަނޑުގައި ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ފިރިހެނަކުވަނީ ފަތިހު 04:15 ކަންހާއިރު ހައްޔަރުކޮށްފައެވެ. އަދި އޭނާ ވަގަށް ނެގި ސިނގިރޭޓް ކާޓަންތައް ވެސް ފުލުހުން ވަނީ ހޯދާފައެވެ.

މިމައްސަލާގައި ހައްޔަރުކުރެވުނު މީހާ ބަންދާ މެދު ގޮތެއް ނިންމުމަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!