އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްއިން ދޭން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލްގެ ޕިޒިއޮތެރަޕީ ޑިޕާޓްމަންޓްގައި “އަކުއަޓިކް ޕިޒިއޮތެރަޕީ” ނުވަތަ ފެނުގެ ކަސްރަތުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ފެށި ޚިދުމަތެކެވެ.

މިހާތަނަށްވެސް ފިޒިއޮތެރަޕީގެ ޚިދުމަތް ރާއްޖޭގައި ދެމުން އައިސްފައިވަނީ އިންޑޯ ކަސްރަތުގެ ގޮތުގައެވެ. ހައިޑްރޯ ޕޫލާއެކު ފެނުގެ ކަސްރަތުގެ ޚިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ހޮސްޕިޓަލަކީ ދަރުމަވަންތަ ހޮސްޕިޓަލެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މިވަނީ ފެނުގެ ކަސްރަތު ކްލާސްތައް ޤަވާޢިދުން ދޭން ފަށާފައެވެ. މިއީ ގައިގެ މަސްތަކުގައި ރިއްސާމީހުންނަށް ޚާއްސަކޮށްގެންދޭ ފިޒިއޮތެރަޕީގެ ބާވަތެކެވެ.

ކްލާސްތަކުގައި ބައިވެރިވެވެނީ، ޑޮކްޓަރަށް ދައްކައި ކަސްރަތުކުރުމަށް ޑޮކްޓަރު އިރުޝާދުދޭ ފަރާތްތަކަށެވެ. އަލަށް ފެށި ކްލާހުގައި 12 މީހުންނަށް އަކުއަޓިކް ފިޒިއޮތެރަޕީ ދެންވަނީ ފަށާފައެވެ.

މިހާރު ފަށައިގެން ކުރިއަށްގެންދާ ކްލާހަކީ 8 ހަފްތާއަށް، ހަފްތާއަކު 3 ކްލާސް ނަގާގޮތަށް ކުރިއަށްގެންދާ ކަސްރަތު ކްލާހެކެވެ.

އައިޖީއެމް ހޮސްޕިޓަލް އިމާރާތުގައި ހިންގަމުންއައި ޕިޒިއޮތެރަޕީ ޑިޕާޓްމަންޓް ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަށް ބަދަލުކޮށް ޚިދުމަތް ފަށާފައިވަނީ މިއަހަރުއެވެ. އެޑިޕާރޓްމަންޓުން އެވަރެޖްކޮށް ދުވާލަކު 300މީހުން ޚިދުމަތް ހޯދައެވެ. ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް އައިޖީއެމް ހޮސްޕިޓަލްގައި 18 ތެރަޕިސްޓުން މަސައްކަތް ކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!