ކަރިޝްމާ ތައްނާ ފުރަވެރި ރިސޯޓްގައި

އިންޑިއާގެ ބަތަލާ ކަރިޝްމާ ތަންނާގެ 36 ވަނަ ދުވަހު އުފަން ދުވަސް ރާއްޖޭގެ ފުރަވެރި ރިސޯޓްގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ޓީވީ ސިލްސިލާތަކާއި ބޮލީވުޑްގެ ފިލްމުތަކުން މަދުމަދުން ފެންނަ ބަތަލާގެ އުފަން ދުވަހަކީ މި މަހުގެ 21 ވަނަ ދުވަހެވެ. ކަރިޝްމާ ވަނީ ރ. އަތޮޅުގައި ހިންގާ ފުރަވެރި ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯތަކެއްގައި ވަނީ މި އަހަރުގެ އުފަން ދުވަސް ހާއްސަކޮށް ދިނުމުގައި ފުރަވެރި ރިސޯޓުން ދިން ހިދުމަތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ކަރިޝްމާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރަންބީރު ކަޕޫރް ޓައިޓްލް ރޯލް ކުޅުނު ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ “ސަންޖޫ” އިންނެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2013 ގެ “ގްރޭންޑް މަސްތީ” އާއި 2005 ގެ “ދޯސްތީ: ފްރެންޑް ފޯއެވާ” ހިމެނެ އެވެ.

ކަރިޝްމާ ވަނީ ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން އޭނާ ކުޅުނު ސިލްސިލާ އަކީ މި އަހަރުގެ ކުރީކޮޅު ކަލާޒް ޗެނެލުން ނިންމައިލި “ނާގިން” ސީޒަން ތިނެކާއި ސްޓާ ޕްލަސް އިން ދެއްކި “ގަޔާމަތު ކީ” ރާތު” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!