ހައްމާދާއި އާސިފްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި އިސްމާއިލް ހައްމާދާއި ކަނޑުމަތީގައި ހިނގި ދެބަސްވުމެއްގައި އޭނާ މަރާލަން ހަމަލާދިން ކަމަށް ތުހުމަތުކުރާ އިސްމާއިލް އާސިފްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފި އެވެ.

ކުޑަކުއްޖަކު ބަނޑުބޮޑުވެ ވިހެއި މައްސަލައިގައި ހައްޔަރުކުރި ހައްމާދުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްދިނީ މި މަހުގެ 15 ގަ އެވެ. މީގެކުރިން ވެސް އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވެ އެވެ.

އާސިފްގެ ބަންދަށް 10 ދުވަސް އިތުރުކުރީ އިއްޔެ އެވެ. އެ މުއްދަތު ހަމަވާނީ، އަންނަ މަހުގެ 1 ގަ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ޚިދުމަތްތަކުން އޮޕަރޭޝަނެއް ހިންގަމުން އަންނަ ރ. މަޑުއްވަރީ އަށް ނިސްބަތްވާ މި ދެ މީހުން ބޮޑެތި ކުށްތަކުގައި ހައްޔަރުކުރީ ދީނީ ހަރުކަށި ފިކުރުގެ ތެރެއިން އުފެދުނު ހިޔާލުތަފާތުވުމެއްގައި ހިންގި މާރާމާރީއާ ގުޅިގެންނެވެ.

ދެ މީހުން މަރާމާރީ ހިންގި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މުއައްސަސާއިން ބުނެފައި ވަނީ އަންހެން ކުއްޖަކު ރޭޕްކުރި ކުށުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ހައްމާދަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. ތަފާތު އެކި ކުށްތަކުގައި މީގެ ކުރިން ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!