ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ކަނޑައަޅައިފި

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި އެ މީހުންގެ ސިފަތައް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ކަނޑައަޅައި އާންމު ކޮށްފި އެވެ.

ހަރުކަށި ފިކުރަކީ ކޮބައިކަން މާނަ ކޮށްދިނުމަށް އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ، އެތަނެއްގެ ސަގާފަތާއި ޒަމާންވީ އާދަކާދަތަކާއި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ، އޮންނަ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެ ބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމް ބައެއް ނޫން ކަމަށް ބުނެ އެގޮތަށް ދައްކަން އުޅުން ކަމަށެވެ.

ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމާއި މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަން ދައްކުވައި އެކަންކަން ކުރުމަށް ހިތްވަރު ދިނުމަކީ ވެސް ހަރުކަށި ފިކުރު ކަމަށް ބަޔާނުގައިވެ އެވެ.

މިފަދަ ހިޔާލުތަކުގެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް އެންސީޓީސީގެ ބަޔާނުގައިވެ އެވެ.

އެންސީޓީސީން ބުނި ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރު ކުރާ މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނެވެ.

ގާނޫނުއަސާސީ އަކީ ބާތިލް އެއްޗެއް ކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ރާއްޖޭގެ ހުރިހާ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވެ ދިވެހި ސަގާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި ބައިބައިކުރަން މަސައްކަތް ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް އެންސީޓީސީން ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން ގައުމުގެ ތައުލީމީ މަންހަޖު ބަލައިނުގަތުމާއި ކުދިން ސުކޫލަށް ނުފޮނުވުމާއި އަންނެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރި ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި އެންސީޓީސީން ވަނީ ކަނޑައަޅާފަ އެވެ.

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް އެންސީޓީސީން ކަނޑައަޅާފައިވާއިރު، ސަލާމަތީ ހިދުމަތްތަކުން އަންނަނީ ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާއި ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އަދި އެ އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ހައްޔަރަށް ވެސް ގެންގޮސްފައިވެ އެވެ.

  1. 👍 ރަނގަޅު މާނަކުރުމެއްހަމަ … ތިއެންމެން ކިބައިން ޒުވާންޖީލު ސަލާމަތްކުރަމާ..!

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!